ރުސްތުމް (Persian: رُستَم) އަކީ ބުނެވޭގޮތުގައި އީރާންޝަހަރުގެ ޒުބަލިސްތާނަށް އުފަން އެގައުމުގެ ގައުމީ ބަތަލެކެވެ. އޭނާ އަކި ޒާލް އާއި ރުދަބާގެ ފިރިހެން ދަރިއެވެ. ވާހަކަތަކުގައި ރުސްތުމް ސިފަކޮށްފައި ހުންނަނީ އައްސާސިދު ގެ ވެރިކަމުގެ ޒަމާނުގައި ކުރެވުނު ހަނގުރާމަކުގައި ގަދަފަދަ ފަހުލަވާނެއް އަދި ފާތިހެއްގެ ގޮތުގައެވެ. 10 ވަނަ ގަރުނުގެ މަޝްހޫރު ޅެންވެރިޔާ ފިރުދޯސީ، އޭނާ ލިޔުނު ޝާހްނާމާގައި ރުސްތުމްގެ ހާދިސާތައް ސިފަކޮށްދީފައި ވެއެވެ.
ފިރުދޯސީގެ ޝާހްނާމާގައި ބަޔާންކޮށްފައި ވާގޮތުން ރުސްތުމަކީ އީރާނުގެ ބަތަލެވެ. އޭނާއަކީ ފާތިހުންގެ ފާތިހެވެ. ޝާހުނާމާގެ އެންމެ ހިތްގައިމު ވާހަކަތަކުގައި ރުސްތުމް ބައިވެރިވެއެވެ. އޭނަގެ ޅަފުރާގައި ރަސްގެފާނު މަނޫޝެހެރް ގެންގުޅުނު މޮޔަވެފައިވާ ހުދުއެތް، އޭނާގެ ކާފަ ސާމް ގެ ވާރުތައިން ލިބުނު ގުރުޒުން އެއްފަހަރުން ޖެހިޖެހީނުން މަރާލިއެވެ. އޭގެ ފަހުން އޭނާ މަޝްހޫރު ރަޚުޝް އޮޅުކުށް ކިޔަމަން ކުރިއެވެ. ރުސްތުމް މި ނަން އުފެދިގެން އައީ "ރޯދު" އާއި "ތަހުމަ" މި ދެ ލަފުޒުން ކަމަށް ބެލެވެއެވެ. ރޯދު ގެ މާނަ އަކީ ހެދި ބޮޑުވުން، ފައްކާވުން ނުވަތަ ތަރައްގީވުމެވެ. ތަހުމަ ގެ މާނައަކީ ހިތްވަރުގަދަކަމެވެ.
ފާރިސީ ފުލޯކުތަކުގައި ބުނެފައިވާ ގޮތުން ރުސްތުމް ވިހެއުމުގައި އޭނާގެ މަންމަ ރުދަބާ އަށް އުނދަގޫތަކެއް ކުރިމަތިވެ ދިގުދެމިގެން ދިޔައެވެ. އެއީ އެ ދަރިފުޅުގެ ސައިޒު ބޮޑުކަމުންނެވެ. އަދި ވިހެއުމުގެ އުނދަގޫތަކަށް ކެތް ނުކުރެވިގެން ރުދަބާ މަރުވެދާނެކަމަށް އޭނާގެ ފިރި ޒާލް ދުއްޓެވެ. އެހައި ހިސާބުން ޒާލް ސިމާގު ގެ އެހީއަށް އެދުނެވެ. ދެން ސިމާގް ހާޒިރުވެ "ރުސްތުމްޒާދު" (ކަފާލައިގެން ދަރިފުޅު ނެގުން) ކުރާނެ ގޮތް ކިޔައިދީ ދެމައިންގެ ފުރާނަ ސަލާމަތް ކޮށްދިނެވެ.
ކީކާއުސް، ރުސްތުމްގެ ރަސްގެފާނު މަޒަންދަރުގެ އިފުރީތެއްގެ ހައްޔަރުގެ ދަށަށް ދިޔައެވެ. ރަސްގެފާނު މި އިފުރީތުގެ ފުށުން ސަލާމަތް ކުރުމަށް ރުސްތުމް ވަރުގަދަ އަދި ކާމިޔާބު ދަތުރެއް ކުރިއެވެ. މި ދަތުރަށް ފާރިސި ބަހުން ކިޔަނި ހަފްތު ޚާނޭ ރުސްތުމް އެވެ.
ރުސްތުމް އާއި، އަޔަލެންޑްގެ ވާހަކަތަކުގައި ސިފަކޮށްފައިވާ ހިތްވަރުގަދަ ބާނީ ކޫޝުލަން އާ ދެމެދު އެއްގޮތް ވާހަކަތަކެއް އައިސްފައި ވެއެވެ. މި ދެ ފަހުލަވާނުންވެސް، ޒުވާން އުމުރުގައި ބޮޑެތި އިރުފީތު ބަލިކުރިއެވެ. އަދި ހަނގުރާމައިގައި އެމީހުންގެ އަތުން އަމިއްލަ ދަރި ގަތުލު ކުރެވެއެވެ. މީގެ އިތުރުން މި ދެމީހުންނަކީވެސް ހަނގުރާމައިގެ ހުނަރުވެރިކަމުގެ ސަބަބުން، "ބަލިނުކުރެވޭނެ" ކަމުގައި ބުނެވޭ ދެމީހުނެވެ. މި ދެ ބަތަލުންމެ މަރާލެވުނީ ހިޔާނާތްތެރިއެއްގެ ދުޝްމަނެއްގެ ރޭވުމަކުން ނެވެ. އަދި މި ކޮންމެ މީހަކުވެސް، ފަހުނޭވާގައި، ދުޝްމަނު ގަތުލުކުރެއެވެ.
ރުސްތުމް ކައިވެނި ކުރީ ސަންގަމަންގެ ރަސްގެފާނުގެ އަންހެންދަރި ތަހުމީނާ އާ އެވެ. މި ދެމީހުންނަށް ފިރިހެން ދަރިޔަކު ލިބުނެވެ. ނަމަކީ ސޮހްރަބް އެވެ. ބުނެވޭ ގޮތުގައި ސޮހްރަބް ގަތުލުކުރެވުނީ ހަނގުރާމައިގެ ތެރޭގައި ރުސްތުމްގެ އަތުންނެވެ. ރުސްތުމަށް ގަތުލު ކުރެވުނީ އޭނާގެ ދަރި ކަން އެނގުނީ ޒަހަމް ކުރެވުމަށް ފަހުއެވެ.
ފަހުން އޭނާއަށް އަންހެން ދަރިއަކު ލިބުނެވެ. ނަމަކީ ގުޝްސަބް އެވެ. އަދި ހަމަ އެ ބަނޑަށް ފިރިހެން ދަރިއަކުވެސް ލިބުނެވެ. ނަމަކީ ފަރާމަރަޒް އެވެ. މި ދެމީހުންނަކީ ވެސް ތޫރާނާއި އިންޑިޔާގައި މަޝްހޫރު ބަތަލުންނެވެ.