ކުރެހި ފާނަ (ސައިންޓިފިކް ނަން: Epinephelus miliaris)ނުވަތަ (އިނގިރޭސި ބަހުން: Netfin grouper)އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި ވަރަށް މަދުން އުޅޭ މަހެކެވެ. ދިވެހިންކުރާ ކެޔޮޅު ކަމުގައި ވެސް ބޭނިފައި ހުއްޓާ ވަރަށް ނުފެންނަ މަހެކެވެ. މިމަހަށް ކުރެހި ފާނަ ކިޔާފައިވަނީ މަހުގައި ހުންނަ ކުރެހުމަށް ނިސްބަތްކޮށެވެ. މިއީ ކެއުމަށް ރަގަޅު ފާނަ އެކެވެ. މިމަސް ފުރަތަމަ ރާއްޖެއިން ބޭނިފައިވަނީ މެރިން ރިސާރޗް ސެކްޝަނުން މާލެ އަތޮޅު ހުޅުލޭ ބޭރުގައި 200 މީޓަރ އަޑިޔަށް ލޭނު އަޅައިގެން ކުރެވުނު މަސްވެރިކަމެއްގައެވެ. މިމަސް އެންމެ ބޮޑުވަނީ 45 ސމ އަށެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 11 ކައްޓާއި، 16 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ހަރުކޮށް ހުންނަ 3 ކައްޓާއި މަޑުކަށީގެ 8 ކަށި ހުރެއެވެ.މަހުގެ ކަންފަތުގައި 16 މަޑުކަށި ހުރެއެވެ. ނިގޫފަތް ހުންނަނީ ކޮޅަށް ވަށްކޮށެވެ. މަހުގެ ކުލައަކީ ރަތް މުށިކުލަ އެވެ. މަތީ ކޮތަރިބައިގެ ހަރުކަށިތައް ހުންނަ ހިސާބުގައި މުށި ކުލައިގެ ކުދި ލައްތަކެއް ހުރެއެވެ. މިލައްތަކުގެ ތެރޭގައި ހިމަ ރޮނގު ތަކެއް ވެސް ހުރެއެވެ. މަހުގެ ދެފަރާތުގައި ހުރަހަށް ފުޅާ ރޮނގުތަކެއް ފަނޑުކޮށް ފެންނަން ހުރެއެވެ. ކޮތަރިތަކާއި، ކަންފަތާއި، ނިގޫފަތުގައި ފިތްތަކެއް ސިފައިގައި ހުންނަ ކަޅުކުލައިގެ ބޮޑެތި ލައްތަކެއް ހުރެއެވެ.