އޮށް އޮންނަނީ ފިރިހެނުންގެ ޖިންސީ ގުނަވަނާއި ގުޅިގެން ތިރިއަށް އޮންނަ އުރަވަޅީގެ ތެރޭގައެވެ. ކޮންމެ މީހެއްގެ ވެސް ދެއޮށް އޮވެއެވެ. އޮށުން ކޮށްދޭ މަސައްކަތަކީ ފިރިހެނުންގެ ދަރިފަނި އުފެއްދުމާއި، ބައެއް ހޯރމޯންތައް އުފެއްދުމެވެ. އޮށުން އުފައްދާ އެންމެ ޚާއްޞަ ހޯރމޯން އަކީ ޓެސްޓެސްޓިރޯން އެވެ. އޮށުގެ ކެންސަރު (އިނގިރޭސި ބަހުން: Testicular Cancer)ޖެހި ޓިއުމަރު އުފެދޭގޮތް ދިމާވަނީ އުމުރުން 40-15 އަހަރާއި ދެމެދުގެ މީހުންނަށެވެ. މިކަމުގެ އަލާމާތަކީ އޮށް ދުޅަވުން ކަމުގައި ވިޔަސް ހަދާން ބަހައްޓަންޖެހޭ ކަމަކީ ކެންސަރު ޖެހުން ފިޔަވައި އެހެން ބައްޔެއްގެ ސަބަބުން ވެސް އޮށް ދުޅަވާގޮތް ދިމާވެދާނެ ކަމެވެ. ދެވައްތަރެއްގެ ކެންސަރު އޮށަށް ޖެހެއެވެ. އެއީ ޓެރެޓޯމާ އަދި ސެމިނޯމާ އެވެ.
ޓެރެޓޯމާ ކެންސަރު ޖެހެނީ ލިމްފް އަދި ލޭގެ މަގުން ކެންސަރު ސެލްތައް ދަތުރުކޮށް އޮށަށް ވާޞިލްވުމުންނެވެ. ސެމިނޯމާ ޖެހޭ ވަކިސަބަބެއް އަދި ހޯދިފައެއް ނެތެވެ. ފިރިހެން ކުދިން އުފަންވާއިރު އާންމުކޮށް ހުންނަވަރަށް އެކުދިންގެ އޮށް ތިރިއަށް ނުޖެހޭނަމަ އެކަމުގެ ސަބަބުން އޮށުގެ ކެންސަރު ޖެހުމުގެ ފުރުޞަތު އިތުރުކަން ވަނީ ފާހަގަ ކުރެވިފައެވެ. އަލާމާތް: ގިނަފަހަރަށް ތަދުވުމެއްނެތި، އަނެއްބައި ފަހަރަށް ތަދުވުމާއެކު އޮށް ދުޅަވުން ( އާންމުކޮށް 40-30 އަހަރާއި ދެމެދުގެ މީހުންނަށް)
އޮށަށްޖެހޭ ކެންސަރަށް ފަރުވާކުރަނީ ކެންސަރު ފެތުރިފައިވާ މަރުހަލާތަކަށް ބަލައިގެންނެވެ.
ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.