ޢަލީ ޢުމަރު މަނިކު (ކޮލިގޭ ޢަލިމަނިކު) އަކީ ކޮލިގޭ ޢުމަރު މަނިކު ގެ ދަރިކަލެކެވެ. ޢަލީ ޢުމަރު މަނިކު (ކޮލިގޭ ޢަލިމަނިކު) ކިޔަވާ ވިދާޅުވީ ސިލޯނުންނެވެ. ސިލޯނުގެ ސޯސަންވިލާގައި ހުރެގެން އިގިރޭސި ތަޢުލީމް ސިލޯންގެ ސްކޫލް ތަކުން ހާޞިލްކުރެއްވިއެވެ. އިގިރޭސި،އުރުދޫ. ސިންގަޅަ، ތަމަޅަ ދެނެލައްވައެވެ. މިއީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުންނާބު އުސް ވިޔަފާރިވެރިންގެ ތެރޭގައި ގުނާލެވޭ ފަރާތެކެވެ. ދިވެހިރާއްޖެއާއި ބޭރު ގައުމުތަކުގައި ވެސް ވިޔަފާރި ހިންގެވިއެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދައި ދިނުމަށް ޢަމަލީ ގޮތުން މަސައްކަތް ކުރެއްވި އެވެ. އެކަމާބެހޭ އެއްބަސްވުމުގައި ސޮއި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެމަނިކުފާނު ކައިވެނި ބައްލަވައިގަތީ ކަކާގޭ ސުމުއްވުލް އަމީރު ޢަލީ ރަންނަ ބަނޑޭރި ކިލެގެފާނުގެ އައްނަބީލް އިސްމާޢީލް ދޮށިމޭނާ ކިލެގެފާނުގެ އިބްރާހީމް ޙިލްމީ ގެ ދަރިކަލުން ޙަފްޞާ ޙިލްމީއާއިއެވެ.
ޢަލީ ޢުމަރު މަނިކު އުފަންވެވަޑައިގަތީ 1935 ވަނަ އަހަރުގެ މާރޗު މަހުގެ 6 ވަނަ ދުވަހު މާލޭ ކޮލި ގޭގައެވެ. އަވަޙާރަވެ ވަޑައިގަތީ 19 ޑިސެމްބަރު 2015 ވަނަދުވަހުގެރޭ 21:30 ގައި ސިންގަޕޫރުގެ މަޢުންތު އެލިޒަބަތު ހަސްފަތާލުގައެވެ. އެމަނިކުފާނު އަވަހާރަވީ އުމުރުން 80 އަހަރުގައެވެ. ފަސްދާނުލެވިފައިވަނީ ސިންގަޕޫރުގައެވެ.